ކުއްލި މަރުތައް – މަރުވުމަށް ފަހު ވެސް ފުރައްސާރަ
ޝިފާން އަޙްމަދު -
ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް މަޖުބޫރުކޮށްގެން ތަހުލީލީ މަރުހަލާގައި އޮތް ރައްކާތެރިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ނެތް ވެކްސިން އެއް ޖަހައިގެން މީސްތަކުން މަރުވާން ފެށުމުން، ކުއްލި ގޮތަށް މަރުވެފައިވާ ޒުވާނުންނަކީ އަމިއްލައަށް އުޅެވުނު ގޮތުން މަރުވި ބައެއް ކަމަށް ވާހަކަތައް ފަތުރަން ފަށައިފި އެވެ.
ނަމަވެސް ހަޤީޤަތަކީ ކޮބައިތޯއެވެ؟ އެމީހުންގެ ގަޔަށް ޖެހި ތަހުލީލީ ޖީން ތެރަޕީ ވެކްސިން ގެ ނަތީޖާ ކަމަށް ބަލައިނުގަންނަން ނިންމަނީ ކޮން ގޮތަކުންތޯ އެވެ؟ ތަަހުލީލީ ވެކްސިން އެއް ޖަހާ ނަމަ، އެންމެ ކުޑަ މިންވަރުން ޒިންމާ އަދާކުރުމަކީ އެ އެއްޗެއް ޖަހާ ބަޔަކަށްވާ ގޮތް ބަލައި ހެދުމެވެ. ދިވެހިރާއްޖެ ނޫން އެހެން ޤައުމުތަކުގައި ވެސް ކަން ހިނގާ ގޮތް ބަލާ ހެދުމެވެ. ވެކްސިނުގެ ސަބަބުން ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހިގެން މަރުވުން އެއީ އެކަށީގެންވާ ކަމެއްތޯ ބެލުމެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަޢުލޫމާތު އެއްކުރެވިދާނެ އެވެ. ނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ "ވިޖިއެކްސެސް" ނުވަތަ އެމެރިކާގެ "ވެއަރސް" ކަހަލަ، ޢާއްމުކޮށް އެންމެންނަށް ވެސް ފެންނާނެހެން ހުންނަ، ވެކްސިން ޖެހުމަށް ފަހު ލިބޭ އަނިޔާތަކާއި މަރުތައް ރިޕޯޓުކުރާނެ، ސިސްޓަމް އެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ޤާއިމްކޮށްފައެއް ނެތެވެ. އަދި މިފަދަ މުހިންމު މަސައްކަތެއް ކުރަން ފަށާފައެއް ވެސް ނެތެވެ. ލިބޭ އަނިޔާ ރިޕޯޓު ކުރަން އޮންނަނީ އެޗް.ޕީ.އޭ އަށް ފޯނުން ގުޅައިގެން ނުވަތަ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ރިޕޯޓުކޮށްގެންނެވެ. މިގޮތުން ކުރެވޭ ރިޕޯޓުތަކަށް އަހަންމިއްޔަތުކަން ނުދޭ ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދެ އެވެ. ވުމާއެކު، އެދެވޭ އެއްވެސް މިންވަރަކަށް މިފަދަ އަނިޔާތަކުގެ މަޢުލޫމާތު އެއްކޮށް ބަލަހައްޓަމުން ނުދާކަން ހާމަވެއެވެ.
ދެން އޮތީ އޮޓޮޕްސީ ހަދައިގެން ބެލުމެވެ. މިކަން ވެސް މިއީ ޢާއްމުކޮށް ކުރާ ކަމަކަށް ނުވުމުން، މަރުވާ ސަބަބު ސީދާ ދެނެނުގަނެވެ އެވެ.
މި ދެ ގޮތުން މަޢުލޫމާތު ނުލިބޭ ނަމަ، އެހެން ޤައުމުތަކުގައި ކަން ހިނގާ ގޮތް ބަލައިލުން ވެސް އެބަ އޮތެވެ. މުޅި ދުނިޔޭގައި 2021 ވަނަ އަހަރުން ފެށިގެން ކުއްލި މަރުތައް ގިނަވެފައިވަނީ އެންމެ ގިނައިން ވެކްސިން ޖެހި ޤައުމުތަކުގައި ކަން އެއީ ސިއްރެއް ނޫނެވެ. 2021 ވަނަ އަހަރު ވެކްސިން ޖެހުމުގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން އިނގިރޭސި ވިލާތާއި އިޒްރޭލުގެ 16 އަހަރާއި 39 އަހަރާ ދެމެދު މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައި ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ހިތުގެ ޑރ. އަސީމް މަލްހޯތްރާ ބުނެފައިވެއެވެ.1
އެތައް ސަތޭކަ ފަންނީ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ޖަހާފައިވާ ވެކްސިނުން އެކި ބާވަތުގެ އަނިޔާތައް ކުރިމަތިވެއެވެ. ހިތް ދުޅަވުމާއި، އޮޓޯއިމިއުން ބަލިތަކާއި، ނިޔުރޯ މައްސަލަތަކާއި، ލޭގަނޑުވުން ފަދަ ބޮޑެތި ނުރައްކާތަކެވެ.
އެންމެ ހާމަކަން ބޮޑުގޮތުގައި ވެކްސިންއާ ބެހޭ މަޢުލޫމާތު ދޭ ޤައުމަކީ ޖަޕާނެވެ. ފައިޒަރ (ޖީން ތެރަޕީ) ވެކްސިން ޖަހައިގެން ހިތްދުޅަވުން ނުވަތަ ހިތުގެ ބޭރުފަށަލަ ދުޅަވުމުގެ ނުރައްކާ ޒުވާން ފިރިހެނުންނަށް ބޮޑުކަމަށް ވެކްސިން ޖެހުމާ ބެހޭ ރަސްމީ ލިޔުންތަކުގައި ބަޔާންކޮށްފައިވެ އެވެ. އަދި މިފަދަ އަނިޔާއެއް ކުރިމަތިވެއްޖެ ނަމަ ރިޕޯޓުކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ.
ޖާމާ މެޑިކަލް ޖަރނަލް ގައި ޝާޢިއުކޮށްފައިވާ ނޯޑިކް ޤައުމުތަކުގެ 23 މިލިއަން މީހުންގެ "ކޮހޯޓް ސްޓަޑީ" ގައި ފާހަގަ ކޮށްފައިވާ ގޮތުގައި އެމް.އާރ.އެން.އޭ (ފައިޒަރ އަދި މޮޑަރނާ) ވެކްސިންގެ 1 ޑޯޒް އަދި 2 ޑޯޒް ޖެހުމުން ހިތްދުޅަވުމުގެ ނުރައްކާ އެންމެ ބޮޑީ 16 އަހަރާއި 24 އަހަރާ ދެމެދުގެ ފިރިހެނުންނަށެވެ.[1]
އެމެރިކާގެ އެފް.ޑި.އޭ އިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ހިތްދުޅަވުމުގެ ނުރައްކާ އެންމެ ބޮޑީ ފައިޒަރ ޖީން ތެރަޕީ ވެކްސިން ޖަހާފައި ތިބި 40 އަހަރުން ދަށުގެ ފިރިހެނުންނަށެވެ.[2]
ހޮންގް ކޮންގް ގައި ހެދި ފަންނީ ދިރާސާއަކުން ދައްކާ ގޮތުގައި ފައިޒަރ ގެ ދެވަނަ ޑޯޒް އަށް ފަހު ހިތްދުޅަވުން/ހިތުގެ ބޭރުފަށަލަ ދުޅަވުމުގެ (މަޔޯކާޑައިޓިސް/ޕެރިކާޑައިޓިސް) ނުރައްކާ ޒުވާން ފިރިހެން ކުދިންނަށް އޮތްކަމަށް ފާހަގަކޮށްފައިވެ އެވެ.(PMID: 34849657)
ފައިޒަރ ވެކްސިން ޖަހައިގެން އަނިޔާ ލިބިފައިވާ ކަމަށް ޔޫރަޕުގެ "ޔޫޑްރަވިޖިލަންސް" އަށް 1 މިލިއަނަށް ވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވެ އެވެ. %76 މީހުންނަކީ 64-18 އަހަރާ ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި ހިތްދުޅަވެގެން (މަޔޯކާޑައިޓިސް) 10،000 ށް ވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވެ އެވެ.
ފައިޒަރ (ޖީން ތެރަޕީ) ވެކްސިން ޖަހައިގެން ހިތް ދުޅަވުމުގެ ނުރައްކާ ބޮޑަށް އޮތީ 40 އަހަރުން ދަށުގެ ފިރިހެނުންނަށް ކަމަށް އެމެރިކާގެ އެފް.ޑީ.އޭ އިން ފާހަގަކޮށްފައިވެ އެވެ. އަދި ވެކްސިން ޖަހައިދޭ މީހުންނަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި މިކަން ބަޔާންކޮށްފައި އޮވެއެވެ.
އެމެރިކާގެ ސެނެޓަރ ޖޯންސަން ގެ ފަންނީ މާހިރުންގެ ޕެނަލްގައި ވާހަކަ ދައްކަމުން ޑރ. ލިންޑާ ވެސްޓިލާ ފާހަގަކޮށްފައިވާ ގޮތުގައި "ހިތްދުޅަވުމުގެ މައްސަލަ ގިނައިން ފެނިފައިވަނީ ދެވަނަ ޑޯޒް ޖެހުމަށް ފަހު ކުޑަދުވަސް ކޮޅެއްގެ ތެރޭގައެވެ. ނަމަވެސް، އިޒްރޭލުގައި މިކަން ބަލައިގަނެފައިވަނީ ވެކްސިން ޖަހަންފެށިތާ 4 މަސް ފަހުންނެވެ. މިއިން ދޭހަވަނީ، ހިތްދުޅަވުމުގެ މައްސަލަ އެތައް ބަޔަކަށް ކުރިމަތިވެގެން ދިޔަ ނަމަވެސް، ވެކްސިން ޖެހުމުގެ ސަބަބުން މެދުވެރިވާކަން ރަސްމީ ފަރާތްތަކުން ބަލައިގަތުމަށް އެތައް މަހެއް ހިނގާފައިވާ ކެމެވެ." އިޒްރޭލަކީ ފައިޒަރ ވެކްސިން ޖެހުމުގައި އެންމެ ކުރީގައި އުޅޭ ޤައުމެވެ.
ވެކްސިން ޖެހުމަށްފަހު، 16 އަހަރާއި 24 އަހަރާ ދެމެދުގެ ކޮންމެ 3000 ނުވަތަ 6000 ފިރިހެނުންގެ ތެރެއިން އެކަކަށް ހިތްދުޅަވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ޖޫން 2021 ގައި އިޒްރޭލުގެ މިނިސްޓްރީ އޮފް ހެލްތް އަށް ހުށަހެޅި ރިޕޯޓެއްގައިވެ އެވެ. އިޒްރޭލުން މިކަން ފާހަގަ ކުރި ދުވަސްވަރު، ވެކްސިން ޖެހުމާ ގުޅިގެން ހިތްދުޅަވުމުގެ މައްސަލަތަކެއް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އަދި ސީ.ޑީ.ސީ އިން ވެސް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ. ވެކްސިން ޖަހަން ފެށިތާ ކުރީކޮޅުގައި ވެސް މިކަން އޮތީ އެނގިފައެވެ.
The numbers of myocarditis undoubtedly are grossly underreported. Everything we are seeing right now is the tip of the iceberg. - Dr Peter McCullough
އިންޓަރނިސްޓް، ކާޑިއޮލޮޖިސްޓް، އެޕިޑީމިއޮލޮޖިސްޓް އަދި ޕްރޮފެސަރ އޮފް މެޑިސިން ޑރ ޕީޓަރ މެކަލާ އަކި ކޮވިޑް-19 ވެކްސިންތަކުން ލިބޭ އަނިޔާތަކާއި މަރުތައް ގިނަ ކަމުން، މި ވެކްސިން ދިނުން ހުއްޓާލުމަށް ގޮވާލާފައިވާ މާހިރެކެވެ. މީނާ އަކީ ކޮވިޑް-19 އާ ބެހޭ ގޮތުން 40 އަށް ވުރެ ގިނަ ފަންނީ ދިރާސާ ޝާޢިއުކޮށްފައިވާ ޑޮކްޓަރެކެވެ. އަދި ކާޑިއޯރީނަލް ތާރީޚުގައި ވެސް އެންމެ ގިނަ ފަންނީ ކަރުދާސްތައް ޝާޢިއުކޮށްފައިވާ ޑޮކްޓަރެވެ.
ޑރ. މެކަލާ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިނާ ގުޅޭ ގޮތުން ވަރަށް ކަންބޮޑުވާ 3 ކަމެއްވެ އެވެ. 1) މި ވެކްސިންތަކުގައި އެކުލެވިގެންވާ މާއްދާތައް ހާމަކޮށްފައި ނުވުމުން، މިއީ ކޮން ފަދަ ތަކެއްޗެއްކަން ނުއެނގުން، 2) ވެކްސިންގައި ހިމެނޭ މާއްދާތައް އެޑްރީނަލިން ގުނަވަންތަކަށާއި، ދަރިމައިވުމުގެ ގުނަވަންތަކަށާއި، ސިކުނޑި، ހިތް އަދި ކަށިތަކަށް ދައުރުކޮށްފައި ދިއުން. އެކަކު ވެސް ނޭދޭނެ ވެކްސިންގެ މާއްދާއެއް ސިކުނޑިއަށް ވަންނާކަށް، އަދި 3) ވެކްސިންގައި ހިމެނޭ ޖެނެޓިކް ކޯޑު އިންސާނާގެ ސެލް ގެ ނިއުކްލިއަސް އަށް ވަނުން. މިހެންވުމުން، އެތައް ބަތިލަކެއް ކުރިމަތިވުން.
ކޮވިޑް-19 ވެކްސިން ޖެހުމުން އެތައް އަނިޔާއަކާއި މަރުތައް އިތުރުވާތީ އެތައް ސަތޭކަ ޑޮކްޓަރުންނެއް ދަނީ މި ވެކްސިން ޖެހުން ހުއްޓާލުމަށް ގޮވާލަމުންނެވެ.[3] ފުންނާބު އުސް މާހިރެއް ކަމަށްވާ ސަލްމާން ކެޝަވްޖީ (ހާވަޑް މެޑިކަލް ސްކޫލް ސެންޓަރ ފޮރ ގްލޯބަލް ހެލްތް ޑެލިވަރީގެ ޑިރެކްޓަރ އަދި ހާވަޑް މެޑިކަލް ސްކޫލް ގެ ގްލޯބަލް ހެލްތް އެންޑް ސޯޝަލް މެޑިސިންގެ ޑިރެކްޓަރ) އާއި ޖޯން ހޮޕްކިންސް އަދި މަޝްހޫރު އެތައް ޔުނިވަރސިޓީތަކެއްގެ މާހިރުންގެ ޓިމަކުން ދިރާސާ ކުރުމަށް ފަހު ޝާޢިއުކޮށްފައިވާ ސްޓަޑީއެއްގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ބަލިޖެހުމަށް ވުރެ ވެކްސިން އަނިޔާ 98 ގުނަ އިތުރެވެ.[4]
ކޮވިޑް-19 ވެކްސިންތަކުން މިފަދަ ގިނަގުނަ އަނިޔާތައް އަދި މަރުވުން ވެސް އެކަށީގެންވާއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވާ ގޮތުގައި "އަންހެލްދީ ލައިފްސްޓައިލް" އަކަށްދާ މައިގަނޑު ސަބަބަކީ ކޮންމެ ކުއްޖެއްގެ ވެސް އާއިލާއެވެ. ގޭތެރެ އަދި މަގުމައްޗެވެ.
ޙަސަން މުޙައްމަދު ވިދާޅުވެފައިވަނީ "ކީއްވެތޯ ބަލައިލާ އިރު މި ވާގޮތަކީ އެ ކުއްޖާއަށް ސްކޫލުން ކިތަންމެ ރަނގަޅަށް މީތި ކިޔައިދިނަސް، އެޗްޕީއޭ އިން ކިތަންމެ ބައިވަރު މައުލޫމާތެއް އާއްމުކުރިޔަސް، ކުއްޖާއަށް ގޭތެރެއިން ފެންނަނީ އެހެން މަންޒަރެއް. މަންމަ އާއި ބައްޕަ އާއި ބޭބެ އާއި ދައްތައާ މި ނޭދެވޭ އަމަލުތަކުގައި އުޅޭ ތަން އެބަ ފެނޭ. މަގުމަތިން އެބަ ފެނޭ."[5]
ވެކްސިން ދިފާއުކުރަން ކުއްވެރި މިކުރަނީ މައިންބަފައިންނާއި ބޭބެމެންނާއި ދައްތަމެންނެވެ. ގޮތް ނޭންގޭ އަދި ދުވަހަކުވެސް އިންސާނުންނަށް ދީފައިނުވާ ބާވަތުގެ ޖީން ތެރަޕީ ތަހުލީލީ މަރުހަލާގައި އޮތް، އިންޖެކްޝަނަކަށް ވެކްސިން އޭ ކިޔައިގެން، ޢާއްމު ޞިއްޙަތު ދިފާއުކުރަން ތިބި މީހުން އެކި ބާވަތުގެ މަޖުބޫރީ ހާލަތްތައް ކުރިމަތި ކުރުވައިގެން ކުދިބޮޑު އެންމެހައި މީސްތަކުންގެ ގަޔަށް ޖެހުމަށް ފަހު، އަނިޔާތަކާއި މަރުތައްވާން ފެށީމާ ޒިންމާއިން ރެކެން މަސައްކަތް ކުރަނީއެވެ.
ކޮވިޑް-19 ވެކްސިން ގެ ސަބަބުން ހާޓް އެޓޭކް އާއި ލޭގަނޑުވުމާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތްކަން އެކި ޤައުމުތަކުގެ ޞިއްޙަތާ ބެހޭ މުޢައްސަސާތަކުންނާއި ފަންނީ ދިރާސާތަކުން ފެންނަން އޮތް ހިނދުގައިވެސް، ޑރ. ޝަނީޒް ނަޖްމީ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދައްކުވައިދޭން ބޭނުންވަނީ މިފަދަ އަނިޔާއެއް ކުރިމަތި ނުވާނެ ކަމަށެވެ. މިއީ "ރައްކާތެރިކަން ކަށަވަރު" ކުރެވިފައިވާ ވެކްސިން އެއް ކަމަށެވެ. ވެކްސިނުން ކުރިމަތިވާ އަނިޔާ އަދި މަރުތަކުގެ މަޢުލޫމާތު ސިއްރުކޮށްގެން ވެސް، ޢާއްމުންގެ ތެރޭގައި ވެކްސިންއަށް އޮތް އިތުބާރު ހިފެހެއްޓުމަށެވެ. ހުރިހައިވެސް މައްސަލައަކީ ދެން ތިބި މީހުން އުޅޭ ގޮތެވެ. ވެކްސިން އަކީ މާތްވެގެންވާ އެއްޗެކެވެ.
ޒުވާން އުމުރުގެ ފިރިހެނުންނަށް ހިތްދުޅަވުމުގެ މައްސަލަ ކުރިމަތިވާ ކަމީ އެހެން ޤައުމުތަކުން ބަލައިގަނެ އަދި ފަންނީ ދިރާސާތަކުން ސާބިތުކޮށްފައިވާ ކަމެކެވެ. މީގެ އިތުރުން، ވެކްސިން ގެ މާއްދާތައް ސިކުނޑިއަށް ގޮސް އަނިޔާތައް ދޭ ކަމަކީ ވެސް މިހާރު ފަންނީ ދިރާސާތަކުން ފެންނަން އޮތް ހަޤީޤަތެކެވެ.
ނަމަވެސް، ދިވެހިރާއްޖޭގައި ވެކްސިން ޖަހާފައިވާ ޒުވާނުން ކުއްލި ގޮތަކަށް ހާޓް އެޓޭކް ޖެހިގެން މަރުވުމުން ވެސް އަދި އިތުރަށް ފުރައްސާރަ ކުރަނީއެވެ. އުޅުނު ގޮތުން މަރުވީ ކަމަށް ބުނަނީ އެވެ. ބިކަވި އަނބިންނާއި ޔަތީމުވި ދަރިންގެ ހިތާމައިގައި ކޮޅުފައިން ޖަހަނީއެވެ. ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ވެސް ހަޤީޤަތް އޮޅުވާލަނީ އެވެ.
ވެކްސިނަކީ ހިތްދުޅަވުމުގެ މައްސަލަ ކުރިމަތިކުރުވާ މަރުގެ ތުންފަތް މައްޗަށް ގެންނަ އެއްޗެއް ކަމަށް ބަލައިވެސް ނުގަންނަނީ އެވެ.
މަޖުބޫރު ކުރުވައިގެން ޖެހުވި ވެކްސިނުގެ ސަބަބުން މަރުވުމުން ވެސް، މިވެރިންގެ ފަރާތުން ސަލާމަތެއް ނެތެވެ.
[1] https://jamanetwork.com/journals/jamacardiology/fullarticle/2791253
[2] https://www.fda.gov/emergency-preparedness-and-response/coronavirus-disease-2019-covid-19/pfizer-biontech-covid-19-vaccine-frequently-asked-questions
[3] https://dailysceptic.org/2022/09/10/400-doctors-and-professionals-declare-international-medical-crisis-due-to-covid-vaccine-injuries-and-deaths/
[4] https://jamanetwork.com/journals/jamacardiology/fullarticle/2791253